ދުނިޔޭގެ އެންމެ ސާފު، ހިތްގައިމު މުރަކައިގެ ފަރުތަކުން ވަށައިގެންވާ މި ޤައުމުގައި ދިރިއުޅޭއިރު، ގޭގައި ގެންގުޅޭ އެކުއޭރިއަމްތަކަށް ރަށުގެ ގޮނޑުދޮށުން ނުވަތަ ބަނދަރު ސަރަހައްދުން ފެން ނެގުމަކީ ފަސޭހަ އަދި ޚަރަދު ކުޑަ ގޮތެއް ކަމުގައި ހީވެދާނެއެވެ. ޚާއްޞަކޮށް، ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަމަށް ބަލާއިރު، ފިހާރަތަކުން އަގުބޮޑުކޮށް 'ސިންތެޓިކް ސޯލްޓް' ގަތުމުގެ ބަދަލުގައި، ޤުދުރަތީ ގޮތުން ލިބެން ހުރި ލޮނުފެން ބޭނުންކުރުން މާ ފައިދާހުރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކަށް ވިސްނިފައި އޮވެއެވެ.

އެހެންނަމަވެސް، އެތައް ހާސް ކިލޯމީޓަރަކަށް ފެތުރިފައިވާ ކަނޑުގެ ބިޔަ ނިޒާމާއި، މަދު ލީޓަރުކޮޅެއްގެ ފެން ހިމެނޭ ބަންދުކޮށްފައިވާ އެކުއޭރިއަމެއްގެ ތަފާތު ނުހަނު ބޮޑެވެ. ކަނޑުގެ ތަނަވަސް ޤުދުރަތީ ނިޒާމުގެ ތެރެއިން އަމިއްލައަށް ހަމަޖައްސައިދޭ މުހިންމު ކަންކަން ކަމުގައިވާ، ބަލިޖައްސާ ޖަރާސީމުތައް ނައްތާލުމާއި، ނަޖިސްތައް ސާފުކުރުން ފަދަ ކަންކަން، ބަންދުކޮށްފައިވާ ބިއްލޫރި ފޮއްޓެއްގެ ތެރޭގައި އެ ފުރިހަމަކަމާއެކު ނުހިނގާނެއެވެ. އެހެންކަމުން، ޤުދުރަތީ ފަރުތަކުގައި ދިރުން އާލާކޮށްދޭ ފެނަކީ، ބަންދުކޮށްގެން ގެންގުޅޭ މަސްޓޭންކެއްގައިވާ ދިރުންތަކަށް ނުރައްކާވެ، އެ ތަކެތި މަރުވުމަށް މެދުވެރިވާ ސަބަބަކަށް ވެދާނެއެވެ. މިކަމުގެ މުހިންމު ސަބަބުތަކަށް ތިރީގައި ބަލައިލަމާ ހިނގާށެވެ.

ޖަރާސީމު: ލޮލަށް ނުފެންނަ ނުރައްކާތެރި ދިރުމެއް!

ޤުދުރަތީ ލޮނުފެނަކީ ޖަރާސީމުން މުޅިން އެއްކިބާވެފައިވާ (ސްޓެރައިލް) އެއްޗެއް ނޫނެވެ. ކަނޑުގެ ލޮނުފެނުގެ ކޮންމެ ލީޓަރެއްގައި އެތައް މިލިއަން ބެކްޓީރިއާއަކާއި، އެތައް ސަތޭކަ މިލިއަން ވައިރަހެއް އެކުލެވިގެންވެއެވެ. ހުޅުވާލެވިފައިވާ ބިޔަ ކަނޑުތަކުގައި މިއީ ތިމާވެށީގެ ތިލަފަތް ހަމަހިފެހެއްޓުމަށްޓަކައި އޮންނަ ޤުދުރަތީ ނިޒާމުގެ ބައެކެވެ. ކަނޑުގެ ދިރުންތަކާއި މަސްމަހާމެހީގެ ދިފާޢީ ނިޒާމު އުފެދިފައިވަނީ މިފަދަ ޖަރާސީމުތަކާ އެކު ދިރިއުޅެވޭނެ ފަދަ ގޮތަކަށެވެ. އަދި ކަނޑުގެ ބިޔަ ލޮނުގަނޑުގެ ސަބަބުން މި ޖަރާސީމުތަކުގެ ބާރު ދެރަކޮށްލައި، ގެއްލުން ނުދެވޭ މިންވަރަށް ލޮނުގަނޑުގެ ތެރެއަށް ފަތުރާލަދެއެވެ.

ނަމަވެސް، ބަންދުކޮށްފައިވާ އެކުއޭރިއަމްއެއްގެ ތެރޭގައި މި ދެންނެވި ޤުދުރަތީ ހަމަޖެހުން މުޅިން ގެއްލިގެންދެއެވެ. ކަނޑުގެ ތެރޭގައި މަސްތަކަށް ނުރައްކަލެއް ނެތް ބެކްޓީރިއާތައް، ބަންދުކުރެވިފައިވާ އަދި ގިނަ ދިރުންތަކެއް އުޅޭ ނިޒާމެއްގެ ތެރޭގައި ފުރާނައަށް ނުރައްކާވާ ފަދަ ވަސީލަތަކަށް ބަދަލުވެދާނެއެވެ. މަސްތައް ބަންދު މާޙައުލެއްގައި އުޅެންޖެހުމުން ކުރިމަތިވާ ފިއްތުންތަކުގެ (Stress) ސަބަބުންނާއި، ޖަރާސީމުގެ ބާރު ކަނޑުވައިލާނެ ފަދަ ބިޔަ ފެންގަނޑެއް ނެތުމުގެ ސަބަބުން، ނުރައްކާތެރި ބަލިތައް ހަލުވިކަމާއެކު ފެތުރުމަށް މަގުފަހިވެއެވެ.

ޚާއްޞަކޮށް ދިވެހިރާއްޖޭގައި އެކުއޭރިއަމް ގެންގުޅޭ ފަރާތްތަކަށް މި ނުރައްކާ އިންތިހާއަށް ބޮޑެވެ. އަޅުގަނޑުމެންގެ އަތޮޅުތަކުގެ ފަޅުތަކާއި ގޮނޑުދޮށްތަކުގެ ލޮނު ފެނަކީ، މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކާ ކައިރިވުމުގެ ސަބަބުން ތަޣައްޔަރުވެފައިވާ ފެނެވެ. ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރާއި، ނަޖިސް ބޭރުކުރާ ހޮޅިތަކާއި، އަދި އަވިން ރައްކާތެރިވުމަށް ބޭނުންކުރާ ސަންސްކްރީން ފަދަ ތަކެތީގެ ސަބަބުން ފެނުގެ ސާފުކަން ވަނީ ގެއްލިފައެވެ. ފަރުގެ ބޭރުން ނަގާ ލޮނަކީވެސް ޖަރާސީމުން މުޅިން ސާފު އެއްޗެއް ނޫނެވެ. އަދި ބޭނުންކުރުމުގެ ކުރިން އެ ފެނުގައި ހުރި ޖަރާސީމުތައް ދެނެގަތުމަށްޓަކައި ކުރެވޭނެ އިތުބާރު ހުރި ޓެސްޓެއް އަޅުގަނޑުމެންގެ އަތްފޯރާ ފަށަކު ނެތެވެ. އަދި މިފަދަ ވަސީލަތްތައް ހުރިނަމަވެސް، މިއީ އަހަރަމެން ކުރަން ބޭނުންވާ ކަމެއްވެސް ނޫނެވެ.

ވިސްނާލުން މުހިންމު ނުކުތާއެއް:

ބިލިއަނުން ލީޓަރު ހުންނަ ބިޔަ ކަނޑެއްގައި އުޅޭ މަސްމަހާމެއްސަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާ މިންވަރުގެ ކުޑަ ޖަރާސީމުކޮޅެއް، 300 ލީޓަރުގެ ކުޑަ މަސްޓޭންކަކަށް އެޅުމަކީ އޭގެ ނަތީޖާ ނުރައްކާތެރި ބައްޔަކަށް ބަދަލުވެގެންދާނެ ކަމެކެވެ. ކަނޑުގެ ބިޔަ ލޮނުގަނޑުގެ ޒަރިއްޔާއިން ޖަރާސީމުތަކުގެ ބާރު ކަނޑުވައިލާ (Dilute) ފަދައިން، ކުޑަ މަސްޓޭންކެއްގެ ތެރޭގައި އެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ ހެއްޔެވެ؟

މަސްޓޭންކުތަކަށް ދިމާވާ ޕެރަސައިޓްގެ ނުރައްކާ: ފަރުވާކުޑަކޮށްލައިފިނަމަ މުޅި ނިޒާމު ހަލާކުކޮށްލާފާނެ!

މަސްޓޭންކު ގެންގުޅޭ ތަޖުރިބާކާރުން އެންމެ ބޮޑު ބިރެއްގެ ގޮތުގައި ދެކެނީ ޕެރަސައިޓް ނުވަތަ ޕެރަސައިޓިކް ދިރުންތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކެވެ. މިކަމަށް ސަމާލުވާންޖެހޭ ސީދާ ސަބަބުތަކެއް އެބަހުއްޓެވެ.

**🔴 މެރިން އިޗް (Marine Ich)**

ކްރިޕްޓޯކެރިއަން އިރިޓަންސް، މިއީ ކަނޑުގެ މާޙައުލުގައި ވަރަށް ގިނައިން އުޅޭ، "ޕްރޮޓޯޒޯއާ" އެކެވެ. މިއީ މަހުގެ ހަމާއި ކަރުގަނޑުގެ އެތެރެއަށް ވަދެ، މަހުގެ ހަށިގަނޑުގައި ހުދު ތިކިތަކެއް ޖައްސާ ބައްޔެކެވެ. ބަންދުކޮށްފައިވާ ނިޒާމެއް ނުވަތަ ޓޭންކެއްގައި މި ޖަރާސީމު އަށަގަނެފިނަމަ، ޓޭންކުގައި މަސް ތިބިހާ ހިނދަކު މިކަމުން ސަލާމަތްވުމަކީ ދުރުކަމެކެވެ. މިއިން ސަލާމަތްވުމަށް އޮތް އެންމެ އިތުބާރު ހުރި ގޮތަކީ، މަދުވެގެން 76 ދުވަހުގެ މުއްދަތަށް ޓޭންކުން ހުރިހާ މަހެއް ނެރެ، ޓޭންކު ހުސްކޮށް ބެހެއްޓުމެވެ. މޫދުން ނަގުމަށްފަހު ޓޭންކަށް އަޅާ ކުޑަ ލޮނު ފެން ފޮދަކުން ނުވަތަ ކަރަންޓީނު ކުރުމެއްނެތި ޓޭންކަށްލާ މަހެއްގެ ސަބަބުންވެސް މި ނުރައްކާތެރި ބަލި މުޅި ޓޭންކަށް ފެތުރިދާނެއެވެ.

**⚠️ މެރިން ވެލްވެޓް (Marine Velvet) **

އެމިލޫޑިނިއަމް އޮސެލޭޓަމްމިއީ "އިޗް" ބައްޔަށްވުރެ މާ ނުރައްކާތެރި އަދި ހަލުވިކަމާއެކު ފެތުރޭ ޖަރާސީމެކެވެ. މިއީ މައިގަނޑު ގޮތެއްގައި މަހުގެ ނޭވާލާ ނިޒާމަށް ނުވަތަ ކަރުގަނޑަށް ޙަމަލާދޭ އެއްޗެކެވެ. މީގެ ދިރިއުޅުމުގެ ސައިކަލް އެންމެ 3 ދުވަހާއި 6 ދުވަހުގެ ތެރޭގައި ފުރިހަމަކުރާއިރު، ކޮންމެ ސެލްއަކުން 256 އަށްވުރެ ގިނަ އައު ޖަރާސީމު އުފައްދައެވެ. މި ބަލި ޖެހުމުން މަސްތަކަށް ނޭވާލާން އުނދަގޫވެ، ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަރުވެއެވެ. ބަލީގެ ނުރައްކާ ބޮޑުވެ، މަސްތައް މަރުވާން ކައިރިވާއިރުވެސް ބޭރުފުށުން އެއްވެސް އަލާމާތެއް ނުފެނިދާނެއެވެ. މިއީ ޓޭންކަށް ވަދެއްޖެނަމަ، އެންމެ ހަފުތާއެއްގެ ތެރޭގައި ހުރިހާ މަހެއް މަރުވުމުގެ ފުރުޞަތު އޮތް ނުރައްކާތެރި ބައްޔެކެވެ.

**ފަނިފަކުސައިގެ ނުރައްކާ (Flatworms, Flukes & Copepods)**

މަތީގައި ބަޔާންކުރި ދެ ބާވަތުގެ އިތުރުން، ލޮލަށް ފެންނަ ވަރުގެ އެކި ކަހަލަ ފަނިތަކަކީވެސް (މޮނޮޖީނިއަން ފްލޫކްސް، ޕެރަސައިޓިކް ކޮޕެޕޮޑްސް އަދި ޕްލެނޭރިއަން ފްލެޓްވޯމްސް) ކަނޑު ލޮނު ފެނުގެ ޒަރީއާއިން ޓޭންކަށް ވަދެދާނެ އެއްޗެއްސެވެ. މިއީ މަސްމަހާއި، މުރަކަ އަދި ޓޭންކުގެ ފުލުގައިވާ ވެލިގަނޑުގެ ތެރޭގައި ދިރިއުޅޭ، އޭގެ ނުރައްކާ ލޮލަށް ފެނުމުގެ ކުރިން ވަރަށް ބޮޑަށް އިތުރުވެދާނެ ތަކެއްޗެވެ.

**🦐 ބޭނުންނުވާ ދިރުންތަކާއި ލާވްތައް (Unwanted Critters & Larvae)**

ދިވެހިރާއްޖޭގެ ކަނޑުގެ ލޮނު ފެނަކީ ޕްލެންކްޓަނާއި އެކި ކަހަލަ ދިރުންތަކުގެ ބިސްތަކުން މުއްސަނދި ފެނެކެވެ. މީގެ ތެރޭގައި އެހެން ދިރުންތަކަށް ގެއްލުންދޭ ފަނިތަކާއި، "އެއިޕްޓޭސިއާ" އަދި ނުރައްކާތެރި ކަކުނި ހިމެނެއެވެ. މިފަދަ އެއްޗެއް ޓޭންކުގެ ގަލެއްގެ ނުވަތަ ވެލިގަނޑުގެ ތެރޭގައި އަށަގަނެފިނަމަ، މުޅި ޓޭންކު ހުސްކޮށް ސާފުކޮށްގެން މެނުވީ އެ އެއްޗެހި ނައްތައެއް ނުލެވޭނެއެވެ.

ޚުލާޞާ :މި ނުރައްކާތައް ރާއްޖެއާ މިހާ ބޮޑަށް ގުޅެނީ، އަހަރަމެންގެ ފަރުތަކަކީ ދިރުންތަކުން މުއްސަނދި ޤުދުރަތީ ފަރުތަކަކަށް ވާތީއެވެ. ލޮނު ފެން ނަގާ ސަރަޙައްދުގައި ދިރުންތައް ގިނަވެފައި، ފަރުގެ ސިއްޙަތު ރަނގަޅުވި ވަރަކަށް، މިފަދަ ނުރައްކާތެރި ޕެރަސައިޓްތައް އެ ފެނުގައި ހުރުމުގެ ފުރުޞަތު ބޮޑުވެއެވެ. އެހެންކަމުން، ރާއްޖޭގެ ކަނޑުގެ ލޮނު ފެން ސީދާ ގޮތެއްގައި ޓޭންކަށް ބޭނުންކުރުމަކީ އޭގައި ބޮޑެތި ގޮންޖެހުންތަކާއި ނުރައްކާތަކެއް އެކުލެވިގެންވާ ކަމެކެވެ.

ތަޣައްޔަރުވުމާއި، ހެވީ މެޓަލްސްގެ ނުރައްކާ

ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ސާފުތާހިރު ކަނޑުގެ މާޙައުލެއް އޮތް ނަމޫނާ ޤައުމެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތައް ހިމެނޭ ސަރަޙައްދުތަކުގެ ޙާލަތު ތަފާތެވެ. ބަނދަރުމަތީގެ ސަރަޙައްދުތަކާއި، އުޅަނދުފަހަރު ދަތުރުކުރާ ކަނޑުއޮޅިތަކާއި، ޖަނަރޭޓަރުތަކުން ބޭރުވާ ތަކެތީގެ އިތުރުން، ކުނި މެނޭޖުކުރުމުގައި ހުންނަ ނުރަނގަޅު އާދަތަކުގެ ސަބަބުން ކަނޑުގެ ފެންގަނޑަށް ދަނީ ކެމިކަލްގެ ވިހަ އަސަރުތައް ފެތުރެމުންނެވެ.

ޚާއްޞަކޮށް މުރަކަ އާލާކުރާ ޓޭންކުތަކަށް ކޮޕަރ ފަދަ މާއްދާތަކަކީ އިންތިހާއަށް ނުރައްކާތެރި މާއްދާތަކެކެވެ. އާދައިގެ ޓެސްޓު ކިޓުތަކުން ދެނެގަނަން ނޭނގޭހާ ކުޑަ މިންވަރަކަށް މިތަކެތި ފެނުގައި ހުރި ނަމަވެސް، މުރަކައިގެ ޓިޝޫތަކުގެ ތެރެއަށް ޖަމާވެ، މުރަކަ ހެދިބޮޑުވުމަށް ހުރަސްއަޅައެވެ. މީގެ ސަބަބުން އެސް.ޕީ.އެސް (SPS) މުރަކަތައް ހުދުވެ (bleach)، ދުވަސްތަކެއްގެ ތެރޭގައި މަރުވުމަށް މަގުފަހިވެއެވެ. ކަނޑުގެ ލޮނު ފެން ބޭނުންކުރުމުގެ ކުރިން އޭގައި މިފަދަ މާއްދާތައް އެކުލެވޭތޯ ނުވަތަ ހުރިތޯ ބެލުމަށް ހެދިދާނެ ޓެސްޓްތައް ހުރިނަމަވެސް، މިއީ ދިވެހިންގެ ތެރޭގައި މާބޮޑު ސަމާލުކަމެއްދޭ ކަމެއް ނޫނެވެ.

ރިސޯޓުތަކާއި ފީނާ ސަރަޙައްދުތަކުގައި ބޭނުންކުރާ ސަންސްކްރީންގެ ސަބަބުން ފެނަށް އިތުރުވާ އޮކްސީބެންޒޯން (oxybenzone) އަދި އޮކްޓިނޮކްސޭޓް (octinoxate) އަކީވެސް ބޮޑު ކަންބޮޑުވުމެކެވެ. މި މާއްދާތަކުގެ ސަބަބުން މުރަކަ އާލާވުމަށާއި އޭގެ ލާވާތައް އަށަގަތުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާކަން ވަނީ ސާބިތުވެފައެވެ. މީގެ އިތުރުން، ތެލުގެ ބާވަތްތަކާއި، އުޅަނދުފަހަރުގެ ފުލަށް ޖަމާވާ ބިލްޖު ފެނާއި، ދޯނިފަހަރުގެ ފުލުގައިލާ ދަވާދުގެ ސަބަބުން ފަޅުތެރޭގެ ފެނަށް ކެމިކަލްގެ ނުރައްކާ އިތުރަށް ބޮޑުވެއެވެ.

ދުނިޔޭގެ އެހެން ސަރަޙައްދުތަކާ އަޅާބަލާއިރު ރާއްޖޭގެ ކަނޑުތައް ތަޣައްޔަރުވެފައި ނުވި ނަމަވެސް، މުރަކަ ލޮނު މަސް އެކުއޭރިއަމްއަކީ ބަންދުވެފައިވާ ނިޒާމެކެވެ. އޭގެ ތެރެއަށް ވަންނަ ކުޑަ ކެމިކަލް މިންވަރެއްވެސް ބޭރުވާނެ މަގެއް ނެތްތާނގައި، ކޮންމެ ފަހަރަކު ފެން ބަދަލުކުރާއިރު އެ މާއްދާތައް ދާނީ ޓޭންކު ތެރެއަށް ޖަމާވަމުންނެވެ.

ފެނުގެ ސިފަތަކަށް އަންނަ ބަދަލު

ބަޔޮލޮޖިކަލް އަދި ކެމިކަލް ނުރައްކާތަކުގެ އިތުރުން، ޤުދުރަތީ ކަނޑުގެ ލޮނު ފެނުގެ ސިފަތަކަކީ އަބަދު އެއްގޮތަކަށް ހުންނަ އެއްޗެއް ނޫނެވެ. ވާރޭވެހުމާއި، ދިޔަވަރަށް އަންނަ ބަދަލުތަކާއި، ރަށުން ފައިބާ މީރުފެނުގެ ސަބަބުން ފެނުގެ ލޮނުމިން (salinity) ބަދަލުވެއެވެ. ހަމައެހެންމެ، މޫސުމާއި ފުންމިނަށް ބަލައި ފެނުގެ ހޫނުމިނަށްވެސް ބަދަލު އާދެއެވެ. އޮއިވަރަށް އަންނަ ބަދަލުތަކާއި، ޕްލެންކްޓަން ގިނަވުމަކީވެސް ފެނުގައި ހުންނަ މާއްދާތަކުގެ ނިސްބަތަށް ބަދަލު އަންނަ ކަންކަމެވެ.

މުރަކަ ޓޭންކެއް ދިރުމާއެކު ރަނގަޅަށް ހެދިބޮޑުވަނީ އޭގެ ފެނުގެ ސިފަތައް އެއްވަރެއްގައި ހިފެހެއްޓިގެންނެވެ. ފެނުގެ މުހިންމު މާއްދާތައް ކަމަށްވާ އަލްކަލިނިޓީ، ކެލްސިއަމް، މެގްނީސިއަމް އަދި ލޮނުމިނަށް އަންނަ ކޮންމެ ބޮޑު ބަދަލަކީ މުރަކަތަކަށް ލިބޭ ބޮޑު "ޝޮކެކެވެ". މިފަދަ ބަދަލުތައް ތަކުރާރުވުމުން މުރަކަ ހެދިބޮޑުވުން ހުއްޓި، ކުލަ ފަނޑުވެ، ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވެއެވެ. އެހެންކަމުން، ކަނޑުގެ ލޮނު ފެން ބޭނުންކުރުމަކީ ކޮންމެ ފަހަރަކު ފެން ބަދަލުކުރާއިރު ގޮތްނޭނގޭ ތަފާތު ބަދަލުތަކަކަށް ޓޭންކު ހުށަހެޅުމެވެ.

މީގެ ބަދަލުގައި، ފެންވަރު ރަނގަޅު ސިންތެޓިކް ސޯލްޓް މިކްސްއެއް ބޭނުންކޮށް، އާރް.އޯ.ޑީ.އައި ފެނުގައި ގިރުވުމުން، ލޮނު މަސް ޓޭންކުގެ ފެނުގެ މިންގަނޑުތައް އަބަދުވެސް އެއް މިންވަރެއްގައި ހިފެހެއްޓުމަށް މަގުފަހިވެއެވެ. ފެނުގެ ކޮލިޓީ މިފަދަ އެއްގޮތް މިންގަނޑެއްގައި ހުރުމަކީ، ބަލަހައްޓަން އުނދަގޫ ނާޒުކު މުރަކަތައް ކާމިޔާބުކަމާއެކު ގެންގުޅުމަށްޓަކައި އެޅޭ އެންމެ މުހިންމު އަސާސީ ފިޔަވަޅެވެ.