މޫދު މަސް ގެންގުޅުމުގެ ހޮބީއަކީ މުޅި ދުނިޔޭގައިވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ، އަދި ގިނަ ބައެއްގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ކަމެކެވެ. ޚާއްޞަކޮށް ޔޫރަޕާއި ދެކުނު އެމެރިކާގެ ޤައުމުތަކުގައި މިއީ މާލީ ގޮތުން ބޮޑު ހޭދައެއް ކުރަންޖެހޭ ހޮބީއެއް ނަމަވެސް، މިކަމުން ލިބޭ ހިތްހަމަޖެހުމާއި މި ފަންނަށް އޮންނަ ޝައުޤުވެރިކަމެއްގެ ބޮޑުކަމުން، ބައިނަލްއަޤުވާމީ ފެންވަރުގައި މިކަމަށް ޚާއްޞަ ބޮޑު މުޖުތަމަޢެއް ވަނީ އުފެދިފައެވެ.

ދިވެހިރާއްޖެއަކީ ޤުދުރަތީ ގޮތުން މި ހޮބީ ކުރިއަރުވައި ތަރައްޤީކުރުމަށް އެންމެ ފަހި މާޙައުލެއް ލިބިފައިވާ އެއް ޤައުމެވެ. ރާއްޖެ ވަށައިގެންވާ މުއްސަނދި ކަނޑުފަޅުތަކާއި އޭގައިވާ ދިރުންތަކަކީ މިކަމަށް އޮތް އެންމެ ބޮޑު ފަސޭހައެވެ. ބޭރުގެ ޤައުމުތަކާ ޚިލާފަށް، ލޮނުފެނާއި ކޮރަލް އަދި މަސް ހޯދުމަށް ރާއްޖޭގައި ކުރަންޖެހޭ އޚަރަދުތައް ނިސްބަތުން ކުޑައެވެ. ނަމަވެސް، މިކަމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ރާއްޖޭގެ ބާޒާރުން ހޯދުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، ރާއްޖޭގައި ވެސް މި ހޮބީއަށް ލޯބިކުރާ އަދި މިކަމުގައި އަމަލީގޮތުން ޝާމިލުވާ ބޮޑު ކޮމިއުނިޓީއެއް އޮތުމަކީ އުފާވެރި ކަމެކެވެ.

މި ދާއިރާއިން ދިވެހި ބަހުން ލިޔެވިފައިވާ އިތުބާރު ހުރި މަޢުލޫމާތު ފެންނަން ހުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. އެހެންކަމުން، މި ހޮބީއަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މި މަސައްކަތާ ގުޅޭ ބައެއް މުހިންމު މަޢުލޫމާތުތައް ހިއްސާކޮށްލާނަމެވެ.

ލޮނުމަސް ޓޭންކެއް ހަދާނީ ކިހިނެއް؟

ލޮނުމަސް ޓޭންކެއް ގެންގުޅުމުގެ ހޮބީއަށް ޝައުޤުވެރިކަން އުފެދި، މިކަމާބެހޭ މަޢުލޫމާތު ހޯދުމަށް ކުރީގައި ގިނަ މަސައްކަތްތަކެއް ކުރީމެވެ. ނަމަވެސް، އޭރު ގިނަ މީހުންގެ ފަރާތުން ލިބުނު މާޔޫސީ ޖަވާބަކީ، މިއީ އާދައިގެ މީހަކަށް ކުރެވޭވަރުގެ ކަމެއް ނޫން ކަމަށެވެ. މިއީ އިންތިހާއަށް ޚަރަދު ބޮޑު، ގަވާއިދުން ފެން ބަދަލުކުރަންޖެހޭ އަދި ކުއްޔަށް އުޅޭ މީހަކަށް ކުރަން އުނދަގޫ ކަމެއްގެ ގޮތުގައި އޭރު އޮތީ ސިފަވެފައެވެ. އަދި މިކަމަށް ބޭނުންވާ ހުރިހާ ސާމާނެއް ބޭރުން ގެންނަން ޖެހުމާއި، މަހާއި މުރަކަ ގަންނަން ލިބެނީ ލިބޭ އަގު ބޮޑުވުމަކީ ވެސް، ނުހަނު ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، އޭރު މި ހޮބީއަކީ ހަމައެކަނި ތަނަވަސް ފަރާތްތަކަށް ޚާއްޞަ ކަމެއްގެ ގޮތުގައި އޮތީ ބެލެވިފައެވެ.

އެހެންނަމަވެސް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި މިކަން މުޅިން ބަދަލުވެއްޖެއެވެ. މިހާރު މަހާއި މުރަކަ ފަސޭހައިން ލިބެން ހުރުމުގެ އިތުރުން، މި ހޮބީއަށް މީހުން ވަނީ ވަރަށް ބޮޑަށް ހޭލުންތެރިވެފައެވެ. މިއަދު "އާދައިގެ" ޒުވާނުން ނުހަނު ރީތި ޓޭންކުތައް ބަލަހައްޓަމުން ގެންދެއެވެ. ކުރީގައި މިކަން ކުރި މީހުންނަށްވުރެ، ފަހުން މި ހޮބީއަށް ވަތް ޒުވާނުން މިއަދު ވަނީ މާ ބޮޑަށް ކުރިއަރާފައެވެ. މި ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ މިކަމަށް އޮތް ލޯތްބާއި، ބުރަ މަސައްކަތާއި އަދި ކެތްތެރިކަމެވެ. އެހެންކަމުން، އަމިއްލަ ތަޖުރިބާގެ އަލީގައި ލޮނުމަސް ޓޭންކެއް ހެދުމުގައި ވިސްނާލަންޖެހޭ މުހިންމު ކަންކަން ހިއްސާކޮށްލުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ފުރިހަމަކުރަންޖެހޭ އަސާސީ ކަންކަން:

މި ހޮބީއަށް ޝައުޤުވެރިވާ މީހަކު ނަމަ، އޮންލައިންކޮށް މިކަމާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް މިހާރު ވާނީ ހޯދާފައެވެ. ނަމަވެސް، ބޭރު ގައުމުތަކުގައި މިކަން ކުރާ ގޮތާއި ރާއްޖޭގައި މިކަން ކުރެވިދާނެ ގޮތްތަކާ ދެމެދު ތަފާތުތަކެއް ހުރެއެވެ. އެކި މީހުން ދޭ ތަފާތު އިރުޝާދުތަކުގެ ސަބަބުން ބައެއް ފަހަރު އޮޅުންބޮޅުން އަރާ ގޮތް ވެދާނެއެވެ. އެކަމަކު އެކަމާ މާބޮޑަށް ހާސްނުވާށެވެ. މި ލިޔުމުގެ އެހީގައި، ލޮނުމަސް ޓޭންކެއް ހެދުމުގައި ސަމާލުވާންޖެހޭ ކަންކަން އެނގިފައިވާ މިންވަރަކުން ބުނެދެވޭތޯ ބަލަމާ ހިނގާށެވެ.

ފުރަތަމަ ކަމަކަށް، ލޮނުމަސް ޓޭންކެއް ބެލެހެއްޓުމަކީ ވަގުތު ހުސްކުރަންޖެހޭ އަދި ވަކިވަރެއްގެ ޚަރަދެއް ހިނގާނެ ކަމެއްކަން ދަންނަންޖެހެއެވެ. ކޮންމެ މީހަކުވެސް މިކަން ކުރާނީ އެމީހަކަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށެވެ. އެއްވެސް ދެ ޓޭންކެއް އެއްގޮތެއް ނުވާނެއެވެ. އެހެން މީހަކު ގެންގުޅޭ އުސޫލުތައް ތިމާއަށް ފަހަރުގައި ކަމުދިއުމަކީ އެކަށީގެންވާ ކަމަކަށްވާއިރު، ފަހަރުގައި އެއީ ކަމުދާގޮތަކަށް ވެސް ނުވެދާނެއެވެ. އެހެން ނަމަބެސް. އެއީ، މައްސަލައެއް ނޫނެވެ.

ލޮނުމަސް ޓޭންކެއް ބެލެހެއްޓުމަކީ ނުހަނު ހިތްހަމަޖެހުން ލިބޭ، އުފާވެރި ކަމެކެވެ. އިންސާނުންނަށް އަޅާލުމާއި ލޯބި ބޭނުންވާ ފަދައިން، ޓޭންކުގައިވާ ދިރުންތަކަށްވެސް އެ އަޅާލުން ބޭނުންވާނެއެވެ. މިކަމުގައި އެންމެ މުހިންމު ސިފައަކީ ކެތްތެރިކަމެވެ. ރީތި ޗާލު ޓޭންކެއް އެއްދުވަހުން ނުހެދޭނެއެވެ. އެއީ ވަގުތާއި ކެތްތެރިކަމާއެކު ހާސިލުވާނެ ކަމެކެވެ.

ލޮނުމަސް ޓޭންކެއް ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން، ފަސޭހައިން ބުނެދިނުމުގެ ގޮތުން މައިގަނޑު ހަ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާނަމެވެ. ފުރަތަމަ ކޮޅު ބައެއް ކަންކަން އޮޅުންނުފިލާހެން ހީވި ނަމަވެސް، މި ދާއިރާގެ ތެރެއަށް ވަދެވުމުން ހުރިހާ ކަމެއްވެސް ސާފުވަމުންދާނެއެވެ. މިއީ މާ އުނދަގޫ ކަމެއް ނޫނެވެ. ބޭނުންވަނީ ހަމައެކަނި ޝައުޤުވެރިކަމެވެ.

1. ޕްލޭން ކުރުމުގެ މަރުހަލާ.

2. ޓޭންކުގެ ބޮޑުމިން ކަނޑައެޅުން.

3. ބޭނުންވާނެ އާލާތްތަކާއި ވަޞީލަތްތައް ދެނެގަތުން.

4. ބޭނުންކުރާނެ ލައިޓް އިޚްތިޔާރުކުރުން.

5. ފެން ދައުރުވުމާއި ފިލްޓަރުކުރުމުގެ ނިޒާމު.

6. ގެންގުޅޭނެ މަހާއި މުރަކައިގެ ބާވަތްތައް ކަނޑައެޅުން.

7. ޓޭންކުގެ އެތެރެ ފަރުމާކުރުން (އަކުއަރސްކޭޕިންގ).

8. ޓޭންކުގެ މާޙައުލު ތައްޔާރުކުރުން (ސައިކަލްކުރުން).

9. ޓޭންކު ބެލެހެއްޓުމާއި ދެމެހެއްޓެނިވި ގޮތެއްގައި މެއިންޓެއިންކުރުން.

މަތީގައި ބަޔާންކުރެވުނު ނުކުތާތަކުގެ ޚުލާޞާ ތަފްޞީލުތައް، ކުރިއަށް އޮތް ލިޔުންތަކުގައި ގެނެސްދެވޭނެއެވެ.